Saturday, March 23, 2013

މޯޓިވޭޝަންއާއި ބެހޭގޮތުން ޚިޔާލު


މޯޓިވޭޝަންއާއި ބެހޭގޮތުން ޚިޔާލު



މޯޓިވޭޝަން ނުވަތަ ޝައުޤުވެރިކަމަކީ ކިޔެވުމާއި ކިޔަވައިދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. މޯޓިވޭޝަންގެ އާއްމު ތައުރީފެއްގެ ގޮތުގައި ބުނެވެނީ އެއީ  އިންސާނާގެ ސުލޫކު އުތުރުވައި، މިސްރާބުކުރުވާ އަދި ރައްކާތެރިކޮށްދޭ  ހަށިގަނޑުގެ އެތެރޭގެ ޙާލަތެއްކަމުގައެވެ. އެހެންކަމުން ކިޔަވައި ދިނުމުގެ ދާއިރާއަށް ކުރިމަތިލާއިރު މުދައްރިސުންނަކީވެސް ކިޔަވައިދިނުމަށް ޝައުޤުވެރިވާ ބަޔަކަށް ވުން މުހިއްމެވެ. ހަމައެހެންމެ ކިޔަވާ ކުދިންނަކީވެސް ކިޔެވުމަށް ޝައުޤުވެރިވާ ކުދިންތަކަކަށް ވެސް ވާންޖެހެއެވެ. އެހެނީ ކަމެއްކުރުމަށް ހިތުގައި ޝައުޤުވެރިކަމެއް ނެތްނަމަ އެކަމަކުން ކާމިޔާބު ލިބުމަކީ ވަރަށް ދުރުގައިވާކަމެއް ކަމުގައި ނޫނީ ނުވާނެކަމީ ޝައްކެތްހުރި ކަމެއް ނޫނެވެ. އެގޮތުން މުދައްރިސުންނަށް ކުދިންނަށް ކިޔަވައިދިނުމުގައި ކުދިންގެ ޝައުޤުވެރިކަން ހޯދޭނެ ގޮތްތައްބަލައި އެގޮތްތަށް ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ސަބަބަކީ ކަންކަމަށް ޝައުޤުވެރިވުން ބިނާވެގެންވަނީ އެމީހެއްގެ އެތެރެއާއި ބޭރުފުށުގެ ޝައުޤުވެރިކަމުގެ މައްޗައްކަމުގައިވާތީއެވެ. އެއީ ބަޔެއްކަހަލަ ކަންކަމަކީ ސީދާ އެމީހަކު އަމިއްލައިޚްތިޔާރުގައި އެކަމެއް ކުރުމަށް ބޭނުންވެގެން ކުރާކަންތައްތަކެވެ. އެކަމެއް ކުރުމުގައި އެމީހަކަށް ލިބިދާނެ މަންފާއަކަށް ނުވަތަ ގެއްލުމަކަށް ބެލުމުގެ ބަދަލުގައި ބަލާނީ އެކަމެއްކުރުމުން އެމީހަކަށް ލިބިދޭނެ ހިތްހަމަޖެހުމަށެވެ. އެމީހަކު ކުރަންބޭނުންވާ ކަމަކީ ތިމާއަށް ގެއްލުންހުރިކަމެއް ކަމުގައިވިޔަސް އަމިއްލަ ނަފްސްގެ ހިތްހަމަޖެހުމަށް އެފަދަ ކަންކަން ކުރަމުންދާމީހުން އުޅޭކަމީ ޙަޤީޤަތެވެ. އެހެންކަމުން މުދައްރިސުންނަކީ ކުދިންގެ ކިބައިން އެކުދިންގެ ޝައްޤުވެރިކަން ބޭރުފުށުން ހޯދުމަށް މަސައްކަތްކުރަންޖެހޭނެ ބަޔެކެވެ. މިހެންމިދެންނެވީ ދަރިވަރުން ކިތައްމެ ކުރަންބޭނުން ނުވާކަމެއް ނަމަވެސް މުދައްރިސް ދީފާނެ އަދަބަކަށް ނުވަތަ ޓެސްޓުން ފާސްވުމަށް ނުފަދަ އެހެންވެސް މިފަދަ ސަބަބަކަށްޓަކައި ކުރުމަށް ދަރިވަރުންގެ ކިބައިން ބޭރުފުށުގެ ޝައުޤުވެރިކަން ފެނިގެންދާތީއެވެ.
މުދައްރިސުންނަކީ ކުދިން މޯޓިވޭޓްކޮށް އެފަދަ ވަސީލަތްތައް ކިޔަވައިދިނުމުގައި ބޭނުންކުރާބަޔަކު ކަމުގައި ވަނީނަމަ އެމުދައްރިސަކުވާނީ 45 މިނެޓް ކުދިންގެ ޝައުޤުވެރިކަން ހޯދޭނެ ކާމިޔާބު މުދައްރިސަކަށެވެ. އެހެންކަމުން ކިޔަވުމާއި ކިޔަވައިދިނުމުގައި މޯޓިވޭޝަންއަކީ ވަރަށް މުހިއްމު އެއްޗެކެވެ.

No comments:

Post a Comment