Saturday, March 23, 2013

ކިޔަވައިދިނުމުގައި ގެންގުޅޭނެ ފަލްސަފާ


Understanding Pedagogy and Learning Theories (CST413e_D)


ކިޔަވައިދިނުމުގައި ގެންގުޅޭނެ ފަލްސަފާ



ކިޔަވައިދިނުމުގައި ގެންގުޅޭނެ ފަލްސަފާ ކޮންމެ ކަމެއް ކުރުމުގައިވެސް ތަފާތު ހުނަރުތަކަކާއި އުސޫލުތަކެއް ބޭނުން ކުރެވެއެވެ. އެގޮތުން ކިޔަވައިދިނުމުގައިވެސް ތަފާތު ނަޒަރިއްޔާތަކެއް ނުވަތަ ތިއަރީސް ތަކެއް ބޭނުންކުރެވެއެވެ. ކިޔެވުމުގެ މަރުހަލާގައި އުޅެނީ ތަފާތު އުމުރުފުރާތަކުގެ ހުރިހާގޮތަކުންވެސް މުޅިންތަފާތު ކުދިންނެވެ. އެހެންކަމުން ކިޔަވައިދިނުމުގައި ތަފާތުގޮތްތަކެއް ބޭނުންކުރުމަކީ އޭގެ ސަބަބުން ކިޔެވުމަށް ނުހަނު އެދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަމީ ޝައްކެތްހުރިކަމެއް ނޫނެވެ. އެގޮތުން ކުދިންނަށް އެއްޗެހި ދަސްވުމުގައި ނުވަތަ ދަސްވަނީ ތަފާތު ގޮތްގޮތުންކަމަށް ބިނާކޮށްވަނީ އެކިބޭބޭފުޅުން އެބޭބޭފުޅުންގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށް ތަފާތު ނަޒަރިއްޔާތުތަކެއް އެކަށައަޅާފައެވެ. އެނަޒަރިއްޔާތު ތަކަކީ މިއަދުގެ ދުނިޔޭގައިވެސް ބޭނުންކުރެވެމުންދާ ނުހަނު ފައިދާހުރި ނަޒައްރިއްޔާތުތަކެކެވެ. އެހެންކަމުން ތިރީގައި މިބަޔާންކޮށްލަނީ މިމާއްދާގައި ކިޔެވި ލާރނިން ތިއަރީ ތަކުގެ މައްޗައްބިނާކޮށް ކިޔަވައިދިނުމުގައި އަޅުގަނޑު ގެންގުޅޭނެ ކިޔވައިދިނުމުގެ ފަލްސަފާއެކެވެ. ފުރަތަމަ ދެ އަހަރުން ދަށުގެ ކުދިންނަމަ އެއްޗެހި ރާވަންދީގެން ނުވަތަ އިމިޓޭޓު ކޮށްގެން ކުދިންނަށް ދަސްކޮށްދިނުމަށް މަސައްކަތްކުރާނީއެވެ. އެއަށްފަހު 2 އަހަރުން 7 އަހަރާއި ދެމެދު ސިމްބަލިކް ފޯރމްއަށް ކުދިން ދަސްކުރުވުމަށް އަހުލުވެރިކުރުވާނީއެވެ. އެއަށްފަހު ކުދިންނަށް އެކުދިންނަށް ކުރެވިފައިވާ ތަޖުރިބާތަކުގެ މަޗައް ބިނާކޮށް އެކަންކަމާއިމެދު ވިސްނަން ކުދިންނަށްނަށް ދަސްކޮށްދޭނީއެވެ. އެހެނީ ކުރިން އެނގިފަހުރި އެއްޗެކަށް މިހާރު އެނގިފަހުރި އެއްޗެއް ގުޅުވައިގެން ނޫނީ އިތުރު އެއްޗެއް އެނގުމަކީ ވަރަށް ދަތިކަމެކެވެ. އެއީ އެމީހަކު އަމިއްލައަށް އެކަމެއް ތަޖުރިބާކޮށްގެން އެމީހަކު އެކަމެއްގައި "އެކްޓިވްލީ އެންގޭޖް" ވެއްޖެނަމަ އެކަމެއް ނުވަތަ އެއެއްޗެއް ދަސްކުރުމަށް ލިބޭ އިތުރު ބާރަކަށް އެކަންވެގެންދާނެކަމީ ޝައްކެތްހުރިކަމެއްނޫނެވެ. ކިޔެވުމަކީ ހަމައެކަނި ފޮތެއްގެ ހުންނައެއްޗެއް ދަސްކޮށްލުމެއްނޫނެވެ. އެއާއި ޚިލާފަށް ކިޔެވުމަކީ އެއާއި މެދު ވިސްނާ ތަފާތުގޮތްގޮތަށް އެބޭނުންކުރަން އެނގުމެވެ. އަބަދުވެސް ވިސްނައިދޭނީ އާއެއްޗެއް އެނގުނީމައި ކުރިން އެނގިފަހުރި އެއްޗެއް ތަފާތުވެދާނެކަމެވެ. މީގެއިތުރުންވެސް ކުދިންނަށް ވިސްނައިދޭނީ އަބަދުވެސް ކޮންމެ މީހަކީވެސް އޭނާއަށްވުރެ ދަންނަ އެނގޭ މޮޅު މީހަކަށް ވެދާނެކަމެވެ. އެހެންކަމުން އަމިއްލައަށް ހިތާހިތާ ވާހަކަދައްކާލުމަކީ ކަމެއް ހައްލުކުރުމަށް ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރިކަމެކަމެވެ. ހަމައެއާއިއެކު ކުދިންނަށް ފިލާވަޅު ދޭނީ ވަކި މިންގަޑެއްގެ ތެރެއިންނެވެ. އެމިންގަނޑަށް ވުރެ މަތިން ނުވަތަ ދަށުން ދިނުމަކީވެސް އޭގެ ސަބަބުން ކުއްޖާގެ އުގެނުމަށް ދަތިވެގެންދާނެ ކަމެކެވެ. މީގެ އިތުރުންވެސް އަނެކާއަށް އެއްޗެއް ބުނެދީ ދަސްކޮށްދޭއިރު އެކުއްޖަކަށް އަމިއްލައަށް އެކަމެއް ކުރެވޭ ހިސާބަށް ދިޔުމުން އެކަމެއް ބުނެދިނުމަށް އެހީތެރިކަން ނުދޭނީއެވެ. އަދި ކަންކަންކުރުމުގައި އެންމީހުނާއިއެކު ކުދިން ބައިވެރިކުރާނީއެވެ. އެއްވެސް ކަހަލަ ފޫހިކަމެއް އިޙްސާސް ވިޔަ ނުދީއެވެ. ހަމައެއާއި އެކު ކަންކަން ހަވާލުކުރާނީ ބައިބަރު ޓާސްކް ތަކަކަށް ބަހާލައިގެންނެވެ. އެއީ އޭގެ ސަބަބުން ކުދިންނަށް ފަސޭހައިން ދަސްވުމަށް މަގުފަހި ވާނެ ކަމެކެވެ. ކުދިންނަށް ހަމައެކަނި ވަރަށް ފަސޭހަ ފަސޭހައިން ކޮށްލެވޭ ކަންކަން ހަވާލުކުރުމުގެ ބަދަލުގައި އުދަނގުލުން ކުރެވޭ ކަންކަންވެސް ހަވާލުކުރަންވާނެއެވެ. ހަމައެންމެ ބޮޑެތިމީހުން ކުރާކަހަލަ ކަންކަންވެސް ބައެއްފަހަރު ހަވާލުކުރަންވާނެއެވެ. މީގެއިތުރުންވެސް ކުދިން ދަސްކުރުމަށް ޝައުޤުވެރިކުރުވަންވާނެއެވެ. އަދި ހަމައެއާއިއެކު ކުދިން އަމިއްލައަށް ޝައުޤުވެރިވުންވެސް ވަރަށް މުހިއްމެވެ. އެހެނީ މީހެއްގެ އެއީގައި ދަސްކުރަން މަސައްކަތްކުރުމަކީވެސް އޭގެ ސަބަބުން ދަސްވުމަށް އެޅޭނެ ބާރަކަށް ވެގެންދާނެއެވެ. ހަމައެހެންމެ އަމިއްލައަށް ދަސްކުރަން މަސައްކަތްކުރުވުންވެސް ނުހަނު އެދެވިގެންވެއެވެ. އެހެނީ އަމިއްލައަށް އެމީހަކު އެމީހަކާއި މެދު ދެކޭދެކުން ނުވަތަ ފީލްވާ ފީލްވުން ނުވަތަ ޤަބޫލުކުރާ ޤަބޫލުކުރުމަކީ އެކަމެއް ދަސްކުރުމަށް ކޮށާލެވިފައިވާ މަގުތަކެކެވެ. އެހެންކަމުން އަޅުގަނޑުގެ އުގަންނައިދިނުމުގެ ފަލްސަފާގައި މުދައްރިސުނތިބެންވާނީ ކްލާސްރޫމުގައި ކިޔެވުމަށް އައިސްތިބޭ ދަރިވަރުންނަށް އެހީތެރިވެދޭ ފެސިލިޓޭޓަރ އެއްގެ ގޮތުގައެވެ. ކުދިންނަށް އަބަދުވެސް އެކަމެއްވާނެ ކަމަށް އަންގައިދީ ހިތްވަރުދޭ މީހެއްގެ ގޮތުގައެވެ.

މޯޓިވޭޝަންއާއި ބެހޭގޮތުން ޚިޔާލު


މޯޓިވޭޝަންއާއި ބެހޭގޮތުން ޚިޔާލު



މޯޓިވޭޝަން ނުވަތަ ޝައުޤުވެރިކަމަކީ ކިޔެވުމާއި ކިޔަވައިދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. މޯޓިވޭޝަންގެ އާއްމު ތައުރީފެއްގެ ގޮތުގައި ބުނެވެނީ އެއީ  އިންސާނާގެ ސުލޫކު އުތުރުވައި، މިސްރާބުކުރުވާ އަދި ރައްކާތެރިކޮށްދޭ  ހަށިގަނޑުގެ އެތެރޭގެ ޙާލަތެއްކަމުގައެވެ. އެހެންކަމުން ކިޔަވައި ދިނުމުގެ ދާއިރާއަށް ކުރިމަތިލާއިރު މުދައްރިސުންނަކީވެސް ކިޔަވައިދިނުމަށް ޝައުޤުވެރިވާ ބަޔަކަށް ވުން މުހިއްމެވެ. ހަމައެހެންމެ ކިޔަވާ ކުދިންނަކީވެސް ކިޔެވުމަށް ޝައުޤުވެރިވާ ކުދިންތަކަކަށް ވެސް ވާންޖެހެއެވެ. އެހެނީ ކަމެއްކުރުމަށް ހިތުގައި ޝައުޤުވެރިކަމެއް ނެތްނަމަ އެކަމަކުން ކާމިޔާބު ލިބުމަކީ ވަރަށް ދުރުގައިވާކަމެއް ކަމުގައި ނޫނީ ނުވާނެކަމީ ޝައްކެތްހުރި ކަމެއް ނޫނެވެ. އެގޮތުން މުދައްރިސުންނަށް ކުދިންނަށް ކިޔަވައިދިނުމުގައި ކުދިންގެ ޝައުޤުވެރިކަން ހޯދޭނެ ގޮތްތައްބަލައި އެގޮތްތަށް ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ސަބަބަކީ ކަންކަމަށް ޝައުޤުވެރިވުން ބިނާވެގެންވަނީ އެމީހެއްގެ އެތެރެއާއި ބޭރުފުށުގެ ޝައުޤުވެރިކަމުގެ މައްޗައްކަމުގައިވާތީއެވެ. އެއީ ބަޔެއްކަހަލަ ކަންކަމަކީ ސީދާ އެމީހަކު އަމިއްލައިޚްތިޔާރުގައި އެކަމެއް ކުރުމަށް ބޭނުންވެގެން ކުރާކަންތައްތަކެވެ. އެކަމެއް ކުރުމުގައި އެމީހަކަށް ލިބިދާނެ މަންފާއަކަށް ނުވަތަ ގެއްލުމަކަށް ބެލުމުގެ ބަދަލުގައި ބަލާނީ އެކަމެއްކުރުމުން އެމީހަކަށް ލިބިދޭނެ ހިތްހަމަޖެހުމަށެވެ. އެމީހަކު ކުރަންބޭނުންވާ ކަމަކީ ތިމާއަށް ގެއްލުންހުރިކަމެއް ކަމުގައިވިޔަސް އަމިއްލަ ނަފްސްގެ ހިތްހަމަޖެހުމަށް އެފަދަ ކަންކަން ކުރަމުންދާމީހުން އުޅޭކަމީ ޙަޤީޤަތެވެ. އެހެންކަމުން މުދައްރިސުންނަކީ ކުދިންގެ ކިބައިން އެކުދިންގެ ޝައްޤުވެރިކަން ބޭރުފުށުން ހޯދުމަށް މަސައްކަތްކުރަންޖެހޭނެ ބަޔެކެވެ. މިހެންމިދެންނެވީ ދަރިވަރުން ކިތައްމެ ކުރަންބޭނުން ނުވާކަމެއް ނަމަވެސް މުދައްރިސް ދީފާނެ އަދަބަކަށް ނުވަތަ ޓެސްޓުން ފާސްވުމަށް ނުފަދަ އެހެންވެސް މިފަދަ ސަބަބަކަށްޓަކައި ކުރުމަށް ދަރިވަރުންގެ ކިބައިން ބޭރުފުށުގެ ޝައުޤުވެރިކަން ފެނިގެންދާތީއެވެ.
މުދައްރިސުންނަކީ ކުދިން މޯޓިވޭޓްކޮށް އެފަދަ ވަސީލަތްތައް ކިޔަވައިދިނުމުގައި ބޭނުންކުރާބަޔަކު ކަމުގައި ވަނީނަމަ އެމުދައްރިސަކުވާނީ 45 މިނެޓް ކުދިންގެ ޝައުޤުވެރިކަން ހޯދޭނެ ކާމިޔާބު މުދައްރިސަކަށެވެ. އެހެންކަމުން ކިޔަވުމާއި ކިޔަވައިދިނުމުގައި މޯޓިވޭޝަންއަކީ ވަރަށް މުހިއްމު އެއްޗެކެވެ.

Sunday, March 17, 2013

ރީ އިންފޯރސް ކުރުމާ ބެހޭ ގޮތުން ޚިޔާލު


ރީ އިންފޯރސް ކުރުމާ ބެހޭ ގޮތުން ޚިޔާލު



ޝައްކެތްނެތް ގޮތުގައި ކިޔަވައިދިނުމުގައި ކޮންމެ މުދައްރިސަކުވެސް ކިޔަވައިދޭ ދަރިވަރުންގެ ސަމާލުކަމާއި ޝައުޤުވެރިކަން ހޯދުމަށް ތަފާތު މަސައްކަތްތަކެއް ކުރަންޖެހެއެވެ . މި މާއްދާގައި ކިޔެވި ބައިތަކުގެ އަލީގައި އަޅުގަނޑަށް އެންމެ ފާހަގަކޮށްލެވުނީ ރީއިންފޯރސް ކޮށްގެން ކުދިންގެ ޝައުގުވެރިކަން ހޯދުމެވެ.

މިއީ ޚުދު އަޅުގަނޑުގެ އަމިއްލަ ތަޖުރިބާގައިވެސް ޤަބޫލުކުރެވޭ ވަރަށް ބޭނުންތެރިކަމެކެވެ. ނަމަވެސް ރީއިންފޯރސް ކުރާއިރުގައިވެސް ހުރިހާ ކުދިންގެ މެދުގައި ހަމަހަމަ އުސޫލުތަކެއް ގެންގުޅުމަކީ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރިކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ހަމައެހެންމެ ރީއިންފޯރސް ކުރުމުގައި އެކަމަކާއި އަދި އެވަގުތަކާއި އެންމެ އެކަށީގެންވާނެ ގޮތެއްގެ މަތިން ރީއިންފޯރސް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުންވެސް ވަރަށް މުހިއްމެވެ. އެހެން ނޫންނަމަ ކުދިންނަށް އެކުރި ރީއިންފޯރސްގެ އެންމެ އެދޭވޭ އަސަރު ފަހަރުގައި ނުކުރުން އެކަށީގެންވެއެވެ. އަދި ހަމައެއާއިއެކު ރީއިންފޯރސް ކުރުމުގައި ވެސް ކުދިން ޝައުޤުވެރިވާނެ  ތަފާތު ގޮތްތަކެއް ބޭނުން ކުރުމަކީވެސް އެންމެ އެދެވިގެންވާ ގޮތެކެވެ.
އެހެންކަމުން ރީއިންފޯރސް  ކުރުމުގެ ތަފާތުގޮތްތަކެއް ބޭނުންކުރެވޭއިރު އެގޮތްތަކުގެ މައްޗައް މުދައްރިސުން އަޙްލުވެރިވެ އެގޮތުގެ މަތިން ރީއިންފޯރސް ކުރެވިއްޖެނަމަ ކުދިންގެ ކިޔެވުމުގައި، ކުދިންގެ ސަމާލުކަމާއި ޝައުޤުވެރިކަން ހޯދި ކުދިންގެ ބައިވެރިވުން އިތުރު ކުރެވޭނެ ކަން އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.